Government Office/Company 2nd Badminton Championship 2016

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވާ 2 ވަނަ ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ކުޅުން 30 ޓީމާ އެކު ބުރާސްފަތި ދުވަހުގެ ރޭ ފަށައިފިއެވެ. މިއަދުން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި 19 ފިރިހެން ޓީމާއި 11 އަންހެން ޓީމު ވަނީ ބައިވެރިވެފައެވެ. ކުޅިވަރު އެކުވެނީގެ ބެޓްމިންޓަން ކޯޓުގައި ބުރާސްފަތި ދުވަހުގެރޭ ކުރިއަށްދިޔަ ރަސްމިއްޔާތުގައި މި މުބާރާތް ރަސްމީކޮށް ފައްޓަވައި ދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމެވެ.  މީގެ އިތުރުން މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ސްޕޯޓްސް އަހުމަދު ނަޝީދާއި، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް މުހުސިން (ޖޭފޯ) އާއި، ސްޕޯޓްސް ކޯޕަރެޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ރައްޒާގު އިބްރާހިމާއި މުބާރާތްތަކުގައި ވާދަކުރާ އޮފީސްތަކުގެ އިސްފަރާތްތައް ވަނީ ބައިވެރިވެފައެވެ.

މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، މި ކުޅިވަރުގެ މުސްތަގުބަލަށް ވިސްނާއިރު، މިއީ އުޖާލާ ކުރިމަގެއް އޮތް ކުޅިވަރެއް ކަމަށާއި މި ކުޅިވަރުން އެކި އަހަރުތަކުގައި ގައުމީ ފެންވަރުގައި ވެސް ކާމިޔާބީތަކެއް ހޯދާފައި އެބަހުރި ކަމަށެވެ

އިރުތިޝާމް ވިދާޅުވީ މުބާރާތުގައި ވާދަކުރާ ކޮންމެ އޮފީހަކުންވެސް ރަނގަޅު ނަތީޖާއެއް ހޯދުމަށް ގަދައަޅާ މަސައްކަތްކޮށް މި މުބާރާތުގެ ކާމިޔާބީއާއެކު ގައުމީ ފެންވަރުގައި ވާދަކުރާ މުބާރާތްތަކުން ރަނގަޅު ނަތީޖާތަކެއް ހޯދުމަށް މަސައްކަތް ކުރުމަށް ގޮވާލާ ކަމަށެވެ. އަދި މިއީ ފެށުން ކަމަށް ބެލުމަށް ފަހު ގައުމީ ޓީމުގެ ތެރޭގައި ހިމެނި ރަނގަޅު ނަތީޖާތަކެއް ގައުމަށް ހޯދުމަށް މަސައްކަތް ކުރުމަށް ވެސް ކުޅުންތެރިންނަށް ގޮވާލާ ކަމަށެވެ

މި މުބާރާތުގެ ކުޅުން މިރޭ ރަސްމީކޮށް ފަށާފައިވާ އިރު މުބާރާތުގެ މެއިން ސްޕޮންސަރު ރެޑްވޭވް އާއެކު ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ ސޮއިކޮށްފައެވެ. ބެޑްމިންޓަން އެސޯސިއޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ އެ އެސޯސިއޭޝަންގެ ނައިބު ރައީސް އަހުމަދު ޝާކިރު މޫސާއެވެ. އަދި ރެޑްވޭވްގެ ފަރާތުން ސޮއިކުރީ ޑިރެކްޓަރ އިބްރާހިމް ނައުފަލް އެވެ

މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ، ކްލަބު އިމިގްރޭޝަން، އެއާޕޯޓްސް ކޮމްޕެނީ، މޯލްޑިވްސް ޕޮލިސް ސާވިސް، ރައީސް އޮފީސް، އެމްޓީސީސީ، އެމްއެމްއޭ، ބީއެމްއެލް، ހެލްތް މިނިސްޓްރީ، އެމްޕީއެލް، އެމްއެންޑީއެފް، ހައުސިން މިނިސްޓްރީ، ދިރާގު، މޯލްޑިވްސް މީޑިއާ ކްލަބު، މޯލްޑިވްސް ކަސްޓަމްސް ސާވިސް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޑަބްލިއުއެސްސީ، ސްޓެލްކޯ، އިކޮނޮމިކް މިނިސްޓްރީ އަދި އެންވަޔަރަންމަންޓް މިނިސްޓްރީ އެވެ. މި މުބާރާތް ހުޅުވުމަށްފަހު މިރޭ ވަނީ ޑަބަލްސް އިވެންޓުގެ މެޗުތަކުގެ ކުޅުން ފަށާފައެވެ